ހޫނު މޫސުމުގައި ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އަންޗޮލޮޓީ ދޮގުކޮށްފި
ރެއާލް މެޑްރިޑްގެ ކޯޗު, ކާލޯ އަންޗޮލޮޓީ އަންނަ ހޫނު މޫސުމުގައި ކްލަބް ދޫކޮށްލާނެކަމަށް ދެކެވުނު ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ. "އަހަރެން ކްލަބް ދޫކޮށްލާނެ ވަގުތެއް އަދި ނުނިންމަން" އަންޗޮލޮޓީ ބުނެފައި ވެއެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ރެއާލްގެ ކޮންޓެރެކްޓް އޮތް އަންޗޮލޮޓީ ކްލަބް ދޫކޮށްލަން އުޅޭކަމަށް ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ 'އޮންޑާ ސެރޯ' އިންވެސް ހޯމަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.
"ނޫން. އަހަރެން ބޭނުން އެންމެނަށް މިކަން ސާފުވާން. ކްލަބް ދޫކޮށްލާނެ ދުވަހެއް އަހަރެން އަދި ކަނޑައެއްނާޅަން. އަހަންނަށް އެނގޭ އެދުވަސް ކޮންމެވެސް ދުވަހަކުން އަންނާނެކަން. އެކަމަކު އެއީ ކޮން އިރަކުން ކަމެއް އަހަންނަކަށްވެސް ނޭނގެ. އަހަރެން އަދި އެއެއް ނުނިންމަން. އެ ވެދާނެ މާދަމާ ކަމަށްވެސް. ދެން އޮތް މެޗަށްފަހު ކަމަށްވެސް. ނޫނީ އަހަރެއް ނޫނީ އަދި ފަސް އަހަރު ފަހުން ކަމަށްވެސް" ޗެމްޕިއަންސް ލީގުގައި އާރުބީ ސަލްޒްބާގް އާ ދެކޮޅަށް ނިކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި އޭނާ ބުނެފައި ވެއެވެ.
އަންޗޮލޮޓީ އިތުރަށް ބުނީ އޭނާގެ އަމާޒެއް އެބައޮތް ކަމަށެވެ. ކްލަބްގެ ރައީސް ފްލޮރެންޓީނޯ (ޕެރޭޒް) އިތުރު ހަތަރު އަހަރަށް މަގާމްގައި ހުންނަށް އަލުން އިންތިހާބު ވެފައިވާ ކަމަށާއި އެހެންކަމުން އޭނާގެ އަމާޒަކީ ޕެރޭޒްއާއެކު ހަތަރު އަހަރު މަޑުކުރުން ކަމުގައެވެ. ސަމާސާ ރާގެއްގައި އޭނާ ބުނީ އޭގެ ފަހުން ދެމީހުން އެއްކޮށް ކްލަބް ދޫކޮށްލެވިދާނެ ކަމުގައެވެ.
ރެއާލް މެޑްރިޑް މިވަގުތު އޮތީ ލަލީގާ ތާވަލްގެ އެއްވަނައިގައެވެ. އެއީ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށްވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އާއި ހަތް ޕޮއިންޓްގެ ފަރަގު އެބައޮތެވެ. މި ސީޒަނުގެ މިހާތަނަށް އައިއިރު ރެއާލް އިން ވަނީ ޔުއެފާ ސުޕަކަޕް އަދި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފައެވެ.
"އަހަރެން މިތާ މިހުންނަނީ އެންމެންގެ ވެސް ލޯތްބާއިއެކު. ކްލަބާ ފޭނުންގެ ވެސް. އެކަމަކު ބައެއްފަހަރު މީޑިއާއިން މާ ކަންތައްގަނޑު ބޮޑުކޮށްލަނީ" އަންޗޮލޮޓީ ބުންޏެވެ.
ރިއެކްޝަންސް