ވެމްކޯއިން ޤައުމީ ވޮލީ ތަށި މިލްކް ކޮށްފި
ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި ކްލަބް ވެމްކޯ އިން މިލްކް ކޮށްފިއެވެ. ވިދިވިދިގެން ތިންވަނަ ފަހަރަށް ވެމްކޯއިން ރަށި ހޯދީ ރޭ ކުޅުނު ފައިނަލްގައި ޕޮލިސް ކްލަބް 3-1 ސެޓުން ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓްވެސް ވެމްކޯއިން ގެންދިޔައި 25-23 ނެވެ. އެކަމަކު ތިންވަނަ ސެޓް ވަރަށް ފަސޭހައިން ޕޮލިސް ކްލަބް ހޯދިއެވެ. އެއީ 25-12 ނެވެ. ތިންވަނަ ސެޓް ފަސޭހައިން ގެއްލުނަސް ހަތަރު ވަނަސެޓްގައި ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް 25-16 ން ސެޓް ހޯދާ ތަށި މިލްކް ކޮށްފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޔަކޮވްލެވާ އިންނަ އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީވެސް އޭނާ އެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަންގެ އައިޝަތު ނަސްމާ އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ. މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ވެމްކޯގެ އައިޝަތު މާޖިދާއާއި, ޖޫޒާން ޒަރީރު އާއި ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ.
ވެމްކޯއިން ވަނީ ލީގާއި ގައުމީ މުބާރާތުގައިވެސް ޕޮލިސް ކްލަބް ބަލިކޮށްފައެވެ. ލީގުގައި ޕޮލިސް ކްލަބްގެ މަެއްޗަށް ވެމްކޯއަށް ކުރި ހޯދުނީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. އެއީ ލީގުގެ ފަހު މެޗެވެ. ލީގު ޗެމްޕިއަންކަން ކަނޑައެޅުނީ އެމެޗުންނެވެ. ގައުމީ މުބާރާތުގެ ސެމީފައިނަލްގައި ވެމްކޯ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އަދި ފައިނަލް މެޗުގައި ކުރި ހޯދީ 3-1 ސެޓުންނެވެ.
ރިއެކްޝަންސް