މިއަހަރު ނިމުމުގެ ކުރިން އިތުރު 7 އައިސްޕްލާންޓް އޮޕަރޭޝަނަށް ގެންނަނީ
މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް 5 އައިސްޕްލާންޓެއް ތަރައްޤީކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި އައިސް ހޯދުމަށް މަސްވެރިން ދުރަށް ދުއްވަން ނުޖެހޭނެ ގޮތް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފައިވާ އައިސްޕްލާންޓުތައް:
- މ. ވޭވަށް - 60 ޓަނު
- ޅ. ނައިފަރު - 40 ޓަނު
- ލ. މާބައިދޫ - 25 ޓަނު
- ލ. މާވަށް - 10 ޓަނު
- ލ. ހިތަދޫ - 10 ޓަނު
- އއ. އުކުޅަސް - 5 ޓަނު އަދި ބ. ކުޑަރިކިލު - 5 ޓަނެވެ.
ވަޒީރު ވިދާޅުވީ މި ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު، ބައެއް ޕްލާންޓުތަކުގެ މަސައްކަތް މިހާރު އޮތީ ފެށުމުގެ މަރުހަލާގައެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ކުރީކޮޅު 30 ޓަނުގެ އިތުރު 11 އައިސްޕްލާންޓެއް ތަރައްޤީކޮށް ނިންމުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޖޫން 2027 ގެ ނިޔަލަށް ހދ. ކުޅުދުއްފުށި، ދ. ހުޅުދެލި، މ. މުލައް، ގއ. ދާންދޫ، ކ. ގާފަރު، ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ގއ. ނިލަންދޫ، ގއ. ވިލިގިލި އަދި ށ. ކޮމަންޑޫގައި އައިސްޕްލާންޓު ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ކ. ގާފަރަކީ މިހާރުވެސް އައިސްޕްލާންޓެއް ހުރި ރަށެއް ނަމަވެސް، އެތަނުގެ އުފެއްދުންތެރިކަން ދަށްވުމާ ގުޅިގެން މަސްވެރިންގެ އެދުމުގެ މަތިން އެރަށުގައި އައު ޕްލާންޓެއް އެޅުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުތަކާއެކު ޖުމްލަ 23 އައިސްޕްލާންޓް ތަރައްޤީކުރެވި، ދުވާލަކު 630 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިއު) ޤާއިމްކުރުމަށް ސަރުކާރުން އެހީތެރިކަން ދެމުންދިޔަ ނަމަވެސް، އުތުރުގެ ރަށްތަކަށްވުރެ ދެކުނުގައި މި ނިޒާމު ބޭނުންކުރާ މިންވަރު އަދިވެސް އިތުރެވެ. އެހެންކަމުން، އަލަށް ޤާއިމްކުރެވޭ އައިސްޕްލާންޓުތަކުގެ ސަބަބުން އައިސް ބޭނުންވާ ހުރިހާ ސަރަހައްދެއްގެ މަސްވެރިންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





