ރައީސުލްޖުމްހޫރިއްޔާ ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވާލައްވައި، ފައިމަގުގައި ވިލިމާލެއަށް ވަޑައިގެންފި
ފޮޓޯ- ޕީއެސްއެމް ނިއުސް

ރައީސުލްޖުމްހޫރިއްޔާ ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވާލައްވައި، ފައިމަގުގައި ވިލިމާލެއަށް ވަޑައިގެންފި

1 hour ago - 21:18
Aug 30, 2026 - 21:18

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ސަރަޙައްދު ގުޅާލުމަށް ކުރިއަށްގެންދާ ތިލަމާލެ ބުރިޖު މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފިއެވެ. ބުރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންފައެވެ.


މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލާފައިވަނީ ނިމިދިޔަ ހަފުތާގައެވެ. އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެން 2022 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ ނިމިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައި އޮތް މަސައްކަތެކެވެ. ނަމަވެސް އެ ދައުރު ނިމުނުއިރު ނިމިފައިވަނީ މަޝްރޫޢުގެ ގާތްގަނޑަކަށް %30 މަސައްކަތެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު މަޝްވަރާކުރައްވައިގެން މި މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރުމެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވި ނަމަވެސް، މިހާރު ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މި ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމުމެވެ. މިހާތަނަށް މުޅި މަޝްރޫޢުގެ %76 މަސައްކަތް ވަނީ ނިމިފައެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މަސައްކަތް އަވަސްކުރުމުގެ އިތުރުން ފެންވަރު ރަނގަޅުކަން ކަށަވަރު ކުރުމަށްވެސް ޚާއްސަ އިސްކަމެއް ދަނީ ދެމުންނެވެ.


މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހައިވޭތަކާއި ބުރިޖުތަކުން ގުޅާލެވޭނެއެވެ. އަދި މި ހައިވޭތައް ހެދުމުގެ މަސައްކަތްވެސް ބުރިޖުގެ މަސައްކަތާއެކު އެއްފަސްކޮށް ކުރިއަށްދާނެއެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ.


ތިލަމާލެ ބުރިޖު މަޝްރޫޢަކީ ޖުމްލަ 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ) ގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޚަރަދުކުރަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ އިތުރުން ދިވެހި ދަޢުލަތުގެ ބަޖެޓުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow