ވަގު ޑޮލަރު ގެންގުޅުނު އަންހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
ސައްހަ ނޫން (ވަގު) ޑޮލަރުތަކެއް ގެންގުޅުނު މައްސަލައެއްގައި ދިވެހި އަންހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ގދ. ގައްދޫ، ދިލާވަރުގޭ، ޝަފުރާ އަބްދުﷲ އާދަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން އެއްޗެއްގެ ތެދުކަން ދައްކަން އުޅުމުގެ ކުށުގެ ދައުވާއެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝަފުރާ އާއި، ހުސެއިން ޒައިދާން އަލީ ކިޔާ މީހަކު އިތުރު ބަޔަކާ ގުޅިގެން ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކުރި މައްސަލައެކެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ހުސެއިން ޒައިދާން އަލީއަކީ މީގެ ކުރިންވެސް ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ޝަފުރާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން ވަނީ ސައްހަ ނޫން ޑޮލަރުތަކެއް ފެނިފައެވެ. މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެ، ވީހާވެސް ލުއި އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައެވެ.
ކުށް ސާބިތުވުމާ ގުޅިގެން ކޯޓުން ޝަފުރާގެ މައްޗަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި 43 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި ފަސް ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި ހުކުމް އިއްވި ޝަފުރާއަކީ މީގެ ކުރިން ކުޑަކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން އޭނާ ހޯދުމަށް ފޮޓޯ އާންމުކޮށް އިއުލާންކުރި މީހެކެވެ. އަދި އާއިލާއަށް ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައިވެސް މީގެ ކުރިން އޭނާ ހޯދަން އިއުލާންކޮށްފައިވާ ކަމަށް ރެކޯޑްތަކުން އެނގެއެވެ.
ރިއެކްޝަންސް





