އޭއައި ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް ބިޒްނަސް ޗޭމްބަރއިން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

އޭއައި ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް ބިޒްނަސް ޗޭމްބަރއިން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

4 hours ago - 23:06
Advertisement
Advertisement

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރިތައް ކުރިއެރުވުމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް ބިޒްނަސް ޗޭމްބަރއިން ކުރިއަށް ގެންގޮސްފިއެވެ.


މިއީ ވިޔަފާރިތަކުގެ ހިންގުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެ ޖަމިއްޔާއިން ފެށި ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ބޭއްވި ފުރަތަމަ ސެޝަނެވެ. މި ޕްރޮގްރާމާ ގުޅޭގޮތުން މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަޙްމަދު އަމްޖަދު ވިދާޅުވީ، މާލެއާއި އަތޮޅުތަކުގެ އެކި ކުންފުނިތަކުން ތިރީހަކަށް ވުރެ ގިނަ މީހުން ބައިވެރިވި މި ސެޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.


އޭއައި އަދި އައިޓީ ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރަކު ކިޔަވައިދެއްވި މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ، މަދު މުވައްޒަފުން ބޭނުންކޮށްގެން ވިޔަފާރީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ހުނަރު ދަސްކޮށްދިނުމެވެ. އަދި ވިޔަފާރީގެ ޚިދުމަތްތައް ރަނގަޅުކުރުމާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބައިނަލްއަޤުވާމީ މާކެޓަށް ވާސިލުވުމަށް އޭއައިގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އަމްޖަދު ފާހަގަކުރެއްވިއެވެ.


މި ޕްރޮގްރާމްގެ ބައިވެރިންވެސް ވަނީ މިފަދަ ތަމްރީނެއްގެ މުހިންމުކަން ފާހަގަކޮށް، އޭއައިގެ އެހީގައި ވިޔަފާރީގެ އިދާރީ ހިންގުމާއި އެހެނިހެން މަސައްކަތްތައް އަވަހަށް އަދި ފަސޭހައިން ކުރިއަށް ގެންދާނެ އުކުޅުތައް ދަސްވެފައިވާކަމަށް ބުނެފައެވެ.
މޯލްޑިވްސް ބިޒްނަސް ޗޭމްބަރަކީ ވިޔަފާރި އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި، ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން އިސްނަގައިގެން މިދިޔަ ޑިސެމްބަރު މަހު ރަޖިސްޓްރީ ކުރި ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއިން އަންނަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޭނުންވާ ތަފާތު ތަމްރީނުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement