ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން މާދަމާ!

10 hours ago - 12:56

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ.


އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4،121 މީހުންނަށް ލިބިގެންވެއެވެ. އަދި މި އިންތިޚާބަށްޓަކައި ޖުމްލަ 4،154 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕްކޮށްފައެވެ.


މި ބައި-އިލެކްޝަނުގައި ޖުމްލަ ހަތް ވޯޓު ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާ ދެ ފޮށްޓާއި، އައްޑޫ ސިޓީގައި ބަހައްޓާ ފަސް ފޮށްޓެވެ.


ވޯޓު ފޮށިތައް ބަހައްޓާ ތަންތަން:

  • މާލެ: ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް (ލައިބްރަރީ އިރުމަތި އަދި ހުޅަނގު) - 2 ފޮށި
  • އައްޑޫ ސިޓީ: ހިތަދޫ ސްކޫލް ހޯލު (ދެކުނު، މެދު، ކްލާސްރޫމް 1 އަދި 2) - 5 ފޮށި

މި އިންތިޚާބުގައި ވާދަކުރައްވަނީ ރާއްޖޭގެ މައި ދެ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން، މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ކެންޑިޑޭޓް ނަންބަރު 1) އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު - ސޯބެ (ކެންޑިޑޭޓް ނަންބަރު 2) އެވެ.


ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. އިންތިޚާބާ ގުޅޭގޮތުން "އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވީ، ބައި-އިލެކްޝަނަށް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.


އިންތިޚާބުގެ ގަވާއިދާ އެއްގޮތަށް، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެމްޕެއިން ކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓާއި ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow