ފުލުހުންގެ ޚިދުމަތަށް ގެންނަ ބަދަލުތަކާއެކު ރައްޔިތުން އެދޭފަދަ ޤާބިލު މުއައްސަސާއަކަށް ބަދަލުވާނެ: މިނިސްޓަރ އިޙްސާން
ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު ގެންނަމުންދާ ބަދަލުތަކާއެކު، މިހާރަށްވުރެ ޤާބިލު އަދި ދިވެހި ރައްޔިތުން އެދޭ ފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް އެ ޚިދުމަތް ބަދަލުވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ވަޒީރު ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިއްޔާ، މިހާރު ޚިދުމަތުގައި ތިއްބެވި ފުލުހުންނަށާއި، ކުރީގެ ޚިދުމަތްތެރިންނަށް އަދި ފުލުހުންގެ ޢާއިލާތަކަށް އަރިސްކުރައްވާފައެވެ.
ފުލުހުންގެ މުއައްސަސާ އަސްކަރީ ޚިދުމަތަކުން ވަކިވެ މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 22 އަހަރު ފުރިގެންދިޔައިރު، އެ މުއައްސަސާ އެންމެ އެކަށީގެންވާ މިންވަރަށް ކުރިއެރުވިފައި ނުވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މީހުންނާއި ތަމްރީނު އިތުރުވި ނަމަވެސް އެއާ އެއްވަރަށް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތައް ޤާއިމުކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ރައްޔިތުން އެދޭ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އަތޮޅުތަކުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައި ކަމަށާއި، ނަމަވެސް މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތާއި، ބޭނުންވާ ޚާއްޞަ ދާއިރާތަކުން ތަމްރީނުތައް ދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.
"މިހުރިހާ އިންފްރާސްޓްރަކްޗަރތައް ޤާއިމްވެ ފުލުހުންގެ ތެރޭގައި އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެވިފައި. އަދި ޚާއްސަ ދައިރާތަކުން ގެންނަން ޖެހޭ ތަމްރީނުތަކާއި އެއްޗެހި ދެވި ފުލުހުން މިހާރަށް ވުރެ ޤާބިލް އަދި ދިވެހި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ބަދަލުވެގެން ދާނެ. މާތް ﷲ އިރާދަފުޅާއެކީ ކުރިއަށް މިއޮތް އަހަރަކީ އެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ވެގެން ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ ދުވަހެއް،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ރަސްމީކޮށް ބަދަލުކުރެވުނީ 1 ސެޕްޓެމްބަރ 2004 ގައެވެ. މި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ފުރިހަމަކޮށްދީ، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމާއެކު އަމާން، ރައްކާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް މަގުފަހިކޮށްދިނުމަށެވެ.
ރިއެކްޝަންސް





