އެންމެ މޮޅު ނޫސްވެރިއަކަށް މިހާރުގެ ޝަނާ
މޯލްޑިވްސް މީޑިޔާ ކައުންސިލުން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް މިހާރު ނޫހުގެ ފާތިމަތު ޝަނާ މުޙައްމަދު ހޮވައިފި އެވެ. ޝަނާ އަށް އެއެވޯޑް ލިބުނީ ފަނޑިޔާރުންގެ މާކްސްގެ އިތުރުން އާއްމުންގެ ވޯޓާވެސް އެކުއެވެ. އެ އެވޯޑަށް ވާދަކުރާ ނޫސްވެރިންގެ ނަންތައް މީޑިޔާ ކައުންސިލުން ޢާއްމުންގެ ވޯޓަށް ހުޅުވާލިއެވެ. އަދި އެވޯޑަށް ވާދަކުރި ނޫސްވެރިން ނިސްބަތްވާ ނޫސްތަކުން ވަރުގަދަ ކެމްޕެއިނެއްވެސް ކުރިއެވެ.
އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑްގެ އިތުރުން ޝަނާ އަށް ވަނީ ވިޔަފާރިއާ އިޤްތިޞާދީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑްވެސް ލިބިފައެވެ. އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިއަކަށް ހޮވީ ނުކުތާގެ މުޙައްމަދު ޔާމީނު އެވެ. ތަހުޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން އޯޑިއޯ/ވީޑިއޯ ހިމެނޭ ބައިން އެވޯޑް ހޯދީ އަދަދުގެ އަހުމަދު އާއިދު އެވެ. ތަހުޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން ނުސްމަޖައްލާ ކެޓަރަގަރީގެ އެވޯޑް ގެންދިޔައީ ދައުރުގެ އަހުމަދު ނާއިފް އެވެ. ވީޑިއޯ ޑޮކިއުމެންޓްރީގެ ދާއިރާއިން އެވޯޑް ގެންދިޔައީ އަދަދުގެ މުޙައްމަދު މިރާން ނާޝިމް އެވެ. ފީޗަރ ރިޕޯރޓްގެ ދާއިރާއިން އެވޯޑް ލިބުނީ ދައުރުގެ މުހައްމަދު މުޒައްޔިން ނާޒިމް އަށެވެ. ތިމާވެއްޓާ ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެވޯޑް ހޯދީ ދައުރުގެ ޝަހުދާ މުޙައްމަދެވެ.
ގްރެފިކްސް އާއި އިލެސްޓްރޭޝަންގެ ދާއިރާއިން އެވޯޑް ހޯދީ މިހާރުގެ މުޙައްމަދު ނަބްހާން ދީދީ އެވެ. މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާއިން އެވޯޑް ގެންދިޔައީ ވަގުތުގެ ސައިފްالله އަހުމަދެވެ. ތާރީޚާއި ސަގާފަތުގެ ދާއިރާއިން އެވޯޑް އުފުލާލީ މިހާރުގެ މުޙައްމަދު ހަމްދޫނު އެވެ.ކުޅިވަރުގެ ދާއިރާއިން އެވޯޑް ހޯދީ އަދަދުގެ އައްޒާމް އަލިފުޅެވެ.ޝަރުއީ އަދި ޤާނޫނީ ދާއިރާއިން އެއްވަނަ ނޫސްވެރިއަކީ މިހާރުގެ ނިއުމަތުالله އިދުރީސް އެވެ. ސިޔާސީ ދާއިރާއިން އެވޯޑް ގެންދިޔައީ އަދަދުގެ ހަސަން މުޙައްމަދެވެ.
މީގެއިތުރުން އަހަރުގެ އެންމެ މޮޅު ކަވަރޭޖްގެ އެވޯޑް ގެންދިޔައީ މިހާރެވެ. މީޑިޔާ ކައުންސިލުން ވަނީ ހަޔާތީ އަރުތައިގެ އެވޯޑް ދެ ބޭފުޅަކަށް ދެއްވާފައެވެ. އެއީ ދައުރުގެ އެޑިޓަރ މޫސާ ލަތީފާއި އާފަތިސް ނޫހުގެ ކުރީގެ އެޑިޑަތ ފެއަރީ އަހުމަދު ޒާހިރަށެވެ.
ނޫސްވެރިން ތަމްރީނުކޮށް ބިނާކުރާ ފަރާތްތަކަށްވެސް މީޑިޔާ ކައުންސިލުން ވަނީ އެވޯޑް ދީފައެވެ. އެގޮތުން މިފަހަރު އެ އެވޯޑް ދިނީ ޝަމްއާން ޝާކިރާއި, މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނަށެވެ.
ރިއެކްޝަންސް