އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

5 hours ago - 10:00
Advertisement
Advertisement

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ (ޔޫ.އެން.އެޗް.އާރް.ސީ) 63 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދާ މި ސެޝަން ކުރިއަށްދާނީ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.


މި ސެޝަން ފައްޓަވައިދެއްވީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރ ފޮލްކަރ ތުރްކުއެވެ. އެމަނިކުފާނު ސެޝަން ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، މިހާރު ދުނިޔޭގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު އޮތް ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.


މިފަހަރުގެ ސެޝަންގައި ރާއްޖެއިން އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، ދުނިޔޭގެ ފެންވަރުގައި ހުރި އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ދިވެހި ސަރުކާރުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ވަކާލާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.


އެގޮތުން، އެޖެންޑާގައި ހިމެނޭ ތަފާތު މައްސަލަތަކަށް ރާއްޖެއިން ބަޔާން އިއްވާނެއެވެ. މީގެ ތެރޭގައި ތަރައްޤީގެ ދާއިރާގައި އދ. އިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބުގެ ރިޕޯޓާއި، މިޔަންމާގެ މައްސަލައިގެ ތަޙުޤީޤުގެ އިތުރުން ފަލަސްޠީނު ހިމެނޭހެން އަރައިގަނެވިފައިވާ ޢަރަބި ބިންތަކުގައި ދިމާވެފައިވާ އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ހިމެނެއެވެ. މީގެއިތުރުން، އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ކްލައިމެޓް ފައިނޭންސިންގ ހޯދުމާ ގުޅޭ ރިޕޯޓަށްވެސް ރާއްޖެއިން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.


ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ (އޯ.އައި.ސީ) ގެ މެންބަރެއްގެ ގޮތުން އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ (ސިޑްސް) ހައިސިއްޔަތުން އެކި ފަރާތްތަކާ ގުޅިގެން އިއްވާ ޖޮއިންޓް ބަޔާންތަކުގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ.
މި ސެޝަންގައި ބައިވެރިވާ ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު / ސަފީރު ސަލްމާ ރަޝީދެވެ. އަދި ޖެނީވާގައި ހުންނަ އދ. ގެ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ.


އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ މުޅި ދުނިޔޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއެރުވުމަށް މަސައްކަތްކުރާ މައި އިދާރާއެވެ. މި މަޖިލީހުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަ މައްސަލަތައް ބަލައި، އެކަންކަމަށް ޙައްލު ހޯދުމަށް ފިޔަވަޅުތައް އެޅުމުގައި އިސް ދައުރެއް އަދާކުރެއެވެ.
ރާއްޖެއިން ވަނީ މީގެ ކުރިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރުކަން 2011 އިން 2013 އަށް އަދި 2014 އިން 2016 އަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފައެވެ. އަދި 2023 އިން 2025 ގެ ނިޔަލަށް ހިނގަމުންދާ ދައުރުގައިވެސް ރާއްޖެއަކީ އެ މަޖިލީހުގެ މެންބަރެކެވެ. މީގެއިތުރުން 2013 އަދި 2023 ވަނަ އަހަރު މި މަޖިލީހުގެ ނައިބު ރައީސްކަން ވެސް ރާއްޖެއިން ވަނީ ކާމިޔާބުކަމާއެކު އަދާކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement